ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލާޒިޔޯ އަތުން 1-0 އިން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.
މިއީ ބަޔާން ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ބަޔާން ވަނީ ލީގުގައި އެންމެފަހުން ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވެފަ އެވެ. އަދި މިއީ 11 އަހަރުތެރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.
ލާޒިޔޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޗީރޯ އިމޯބިލޭ އެވެ. ލާޒިޔޯ އަށް މި ޕެނަލްޓީ ލިބުނީ ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ލާޒިޔޯގެ އިސާކްސަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ އުޕަމެކާނޯ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ލީޑު ފުޅާކޮށްލަން ލާޒިޔޯގެ ފެލިޕޭ އެންޑަސަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ބަޔާންގެ ޑިފެންޑަރު ކިމް މިން ޖޭ އެވެ.
ބަޔާނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ޝޮޓުތަކެއް ހެދި ނަމަވެސް އެޓީމަށް ލާޒިޔޯގެ ގޯލަށް އެންމެ ހަމަލާއެއް ވެސް އަމާޒުކުރެވިފައެއް ނުވެ އެވެ.
ދެވަނަ ބުރުގެ ދެވަނަ ލެގު އޮތީ އަމިއްލަ ދަނޑުގައި ކަމަށްވާތީ މި ނަތީޖާ އަނބުރާލުމުގެ ފުރުސަތު ބަޔާނަށް އެބައޮތެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ.