Last Updated: May 2, 11:55
Thursday, May 2, 2024
ކުޅިވަރު

ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ނިންމައިފި

މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން އެ ކްލަބުގެ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ނިންމައިފި އެވެ.

އެމްބާޕޭ ،25، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭ މިހާރު ވަނީ މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބުގެ ރައީސް ނަސީރް އަލް ހަލައިފީ އަށް އަންގާފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށް ފަހު އެމްބާޕޭ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށެވެ. އެމްބާޕޭ ގެންނަން ރެއާލުން މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަނީ އަހަރުތަކެއް ވެފަ އެވެ.

މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ 2017 ގަ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 290 މެޗުގައި 243 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެ ކްލަބާއެކު 13 ތައްޓެއް އެމްބާޕޭ ހޯދިިއިރު އޭގެތެރޭގައި ފަސް ލީގު ތަށި ހިމެނެ އެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވަމުންދާއިރު އޭނާ ނެތްތަން ފޫބައްދަން ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމެން ގެންނަން ޕީއެސްޖީން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.