Last Updated: May 2, 15:21
Thursday, May 2, 2024
ކުޅިވަރު

އެންމެ ކާމިޔާބީ އައްޑޫ ހައި ސްކޫލާއި އެމްޖޭއެސް

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ދެ ކެޓަގަރީއަކުން އެއް ވަނަ ހޯދައި އެންމެ ކާމިޔާބު ސްކޫލުގެ މަގާމު އައްޑޫ ހައި ސްކޫލާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހޯދައިފި އެވެ.

ޖުމްލަ 31 ސްކޫލަކުން ވާދަކުރި މުބާރާތުގައި އައްޑޫ ހައި ސްކޫލުން ވަނީ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއް ވަނަ ހޯދާފަ އެވެ. އަދި މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އިން ވަނީ 15 އަހަރުގެ ދަށުގެ އަންހެން އަދި ފިރިހެން ބައިން އެއް ވަނަ ހޯދާފަ އެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ސްކޫލުގެ މަގާމް ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދިއިރު، އަންހެން އެެންމެ މޮޅު ސްކޫލަކީ ޝަރަފުއްދީން ސްކޫލެވެ.

އަދި 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ސްކޫލަކީ މަރަދޫ ސްކޫލެވެ. އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ހާފިޒު އަހުމަދު ސްކޫލެވެ.

އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، 20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ވިލާ އިންޓަނޭޝަން ހައި ސްކޫލްގެ ހުސެއިން ޒީކް ސުވާދު އެވެ. ޒީކް ވަނީ މި އުމުރުފުރާގެ ފިރިހެން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދާފަ އެވެ. އަދި އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން މީޓް ރެކޯޑެއް ހަދައިފަ އެވެ.

ވިހި އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ ހައްވާ މުޒްނާ ފާއިޒު އެވެ. މުޒްނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ. ސަތޭކަ މީޓަރާއި، 200 މީޓަރު އަދި 400 މީޓަރު ދުވުން މުޒްނާ ވަނީ މީޓް ރެކޯޑެއް ހަދައިފަ އެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ އަފީދުއްދީން ސްކޫލްގެ ސިޒާން އަލީ އެވެ. އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ އާސިޔަތު އަތުފާ ރަޝީދެވެ. ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ މަރަދޫ ސްކޫލްގެ މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމް އެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)ގެ ނީމް އިބްރާހިމް އަހުޝަން އެވެ.

މި މުބާރާތުގައި އައްޑޫގެ 10 ސްކޫލަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ވާދަކުރި އިރު އައްޑުއާ އެކީ ހަތް ސަރަހައްދެއްގެ ސްކޫލަކުން ވާދަކޮށްފައިވެ އެވެ. އެތުލެޓިކްސް މީޓްގައި އައްޑޫގެ ސްކޫލްތަކުން 500 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި އިރު، އެހެން ސްކޫލްތަކުން 383 އެތުލީޓުން ވާދަކުރި އެވެ.

އިންޓަ-ސްކޫލް އެތުލެޓިކްސް މީޓަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް އައްޑޫގައި ބޭއްވީ ސިޓީ ކައުންސިލާ ގުޅިގެންނެވެ.