Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ފަރުމަސްވެރިކަމަށް ހާއްސަ ލުއި ލޯނު ތައާރަފްކޮށްފި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ޚާއްސަ ލުއި ލޯނު ސްކީމެއް ފިޝަރީޒް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.

ށ. ކޮމަންޑޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލޯނު ސްކީމް ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

މި ލުއި ލޯނުގެ ދަށުން އެއްވެސް ރަހުނަކާ ނުލާ 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން މިލޯން ދޫކުރީ ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރާ މަސްވެރިކަމެއް ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާޢަތެއް ކަމަށެވެ. އަދި މި ހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސްޕްލާންޓްތަކަށް ވެސް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީ ވަރަށް ލުއިކޮށް ދޫކުރެވޭ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯންގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާ މިއޮތީ. ނަމަވެސް މިފަހަރު ފަރުމަސްވެރިކަމަށް މި ހުޅުވާލެވޭ ލޯނުގައި 7 ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯން ލިބުމުގެ ފުރުސަތު،" ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން، މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދިނުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.