Last Updated: May 2, 17:34
Thursday, May 2, 2024
ކުޅިވަރު

ޗެލްސީ-ސިޓީ އެއްވަރު، ލިވަޕޫލާއި އާސެނަލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ކައިރިން މެންޗެސްޓާ ސިޓީ ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، އާސެނަލާއި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި 4-1 އިން ބްރެންޓްފޯޑް އަތުންނެވެ. އަދި އާސެނަލުން ރަށުން ބޭރުގައި ބާންލީގެ މައްޗަށް ކުރި ހޯދީ 5-0 އިންނެވެ. މިނަތީޖާތަކާއިއެކު ލީގުގެ އެއްވަނާގައި 57 ޕޮއިންޓާއިއެކު ލިވަޕޫލް އޮތްއިރު، ދެވަނައިގައި އޮތީ 55 ޕޮއިންޓް ހޯދައިގެން އާސެނަލް އެވެ. ސިޓީ އޮތީ 53 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. އަދި ޗެލްސީ އޮތީ 35 ޕޮއިންޓާއިއެކު ލީގުގެ 10 ވަނައިގަ އެވެ.

ޗެލްސީ އާއި ސިޓީ އެއްވަރުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ޗެލްސީންނެވެ. ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި ނިކޮލަސް ޖެކްސަން ދިން ޕާހަކުން ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ކައިރިން ނައްޓާލުމަށްފަހު މި ގޯލު މެޗުގެ 42 ވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ކުރިން ސިޓީ އަށް ކުޅުނު ރަހީމް ސްޓާލިން އެވެ.

ޗެލްސީގެ ލީޑު ފުޅާކޮށްލަން ދެވަނަ ހާފުގެ ކުރީކޮޅު ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ. ދެވަނަ ހާފުގައި ސިޓީން ޗެލްސީގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް މުޅިން ހުހަށް ހުރެ ބޮލުން ގޯލަށް ފޮނުވާލަން ވެސް ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ސިޓީ އަށް މި މެޗުން ޕޮއިންޓެއް ލިބުނީ މެޗުގެ 83 ވަނަ މިނެޓްގައި ރޮޑްރީ ކާމިޔާބު ކުރި ގޯލުންނެވެ. މި ގޯލު ވަނީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރޮޑްރީ ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޯބާގެ ގައިގައި ޖެހިފަ އެވެ.

ލީގުގައި އިއްޔެ ބްރެންޓްފޯޑް އަތުން މޮޅުވި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑިއޯގޯ ޖޯޓާ އަދި ކާޓިސް ޖޯންސް އަށް އަނިޔާވެގެން ބަދަލުކުރިއިރު، ދެވަނަ ހާފުގައި އަނިޔާ އިން ރަނގަޅުވެ މުހައްމަދު ސަލާހު ވަނީ ކުޅެން އަރާފަ އެވެ. އެގޮތުން ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 55 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާ އެވެ.

މެޗުގެ 68 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ގޯލު ސަލާހު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯޑި ގަކްޕޯ އެވެ. ލީގުގެ 14 ވަނައިގައި އޮތް ބްރެންޓްފޯޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އައިވަން ޓޯނީ އެވެ.

ލީގުގެ 19 ވަނައިގައި އޮތް ބާންލީ އަތުން އާސެނަލުން ބޮޑު މޮޅެއް ހޯދި މެޗުގެ ހަތަރުވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ގޯލު ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން އިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސަކާ އެވެ. އާސެނަލްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ލިއެންޑްރޯ ޓްރޮސާޑް އައި ކައި ހަވެޓްޒް އެވެ.