Last Updated: May 21, 06:06
Tuesday, May 21, 2024
ޚަބަރު

ދުވާފަރު ކަރަންޓު މައްސަލަ ދަންވަރު ހައްލުކޮށްފި

ރ. ދުވާފަރު--

އީއްޔެ ވަގުތެއްގައި ރ. ދުވާފަރުގެ ބޮޑު ސަރަހައްދަކުން ކަނޑައިގެން ދިއުމުން އެ މައްސަލަ ހައްލު ކުރަން، ސްޓެލްކޯގެ ޓީމަކުން ދުވާފަރަށް ގޮސް އެ މައްސަލަ ހައްލު ކޮށްފިއެވެ.

އީއްޔެ ކަރަންޓު ކެނޑިގެން ރޭގެ ދަންވަރު 12:00 ޖެހުމާއި ހަމައަށް ވެސް އެ ރަށުގެ ބޮޑު ބައެއް އޮތީ އަނދިރީގައެވެ. މިމައްސަލަ ދިމާވިތާ އޭރު 12 ގަޑިއިރު ވެފައިވާއިރު، ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ވަނީ ސްޓެލްކޯ ޓީމެއް މިމައްސަލަ ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީ ޓީމަށް އެހީވުމަށް އެ ރަށަށް ފުރާފައިވާ ކަން ހާމަކޮށްފައެވެ.

އެ މައްސަލަ ހައްލުކޮށް، މިއަދު ހެނދުނު 6:30 އެހައިކަށްހާއިރު އެ ރަށަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.

"ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓުދެވިފައި. ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވަން. " ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެހީއާއި އެކު ދުވާފަރަށް ކަރަނޓު ދިން އިރު އެ ރަށުން ކަރަންޓު ކެނޑެން މެދުވެރިވީ ކަރަންޓު ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ ރަށުގެ ކަރަންޓު ޚިދުމަތައި ފެނާއި ނަރުދަމާ ޚިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.