Last Updated: May 17, 20:30
Friday, May 17, 2024
ޚަބަރު

މިފްކޯ އައްޑޫ އޮޕަރޭޝަން ހުއްޓުވައިފި

މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަން ހުއްޓުވައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒަހާރާގައި އައްޑޫގެ މަސް ދޯނިތައް ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އެއްވެފައެވެ. އަދި މިވަގުތު ކޮމްޕްލެކްސް އޮޕަރޭޝަން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އޮޕަރޭޝަން ހުއްޓުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މުޒާހަރާގައި އައްޑޫގެ އެކި އަވަށްތަކަށް ނިސްބަތްވާ މަސްވެރިންނާއި މަސްދޯނިތައް ބައިވެރިވަމުންނެވެ.

މުޒާހަރާ ކުރަމުންދާ މަސްވެރިން ވަނީ ބިލްތަކަށް ފައިސާ ނުދެނީ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ. އަދި މަސްވެރިން ގޭގެ ޚަރަދުތަށް ބަލަހައްޓާނެ ފައިސާވެސް ނެތް ކަމަށް ބުނެފައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގައި މިހާރުވެސް 6 ވަރަކަށް ދޯނި ދަނީ ބައިވެރިވަމުންނެވެ. އަދި އިތުރު ދޯނިތަށް ވެސް މުޒާހަރާގައި ބައިވެރިވުމަށް ދަތުރު ކުރަމުންދާ ކަަމަށް މަސްވެރިން ވަނީ ބުނެފައެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވައި އެ ތަނުގައިވެސް މަސްވެރިން ދަނީ މުޒަހަރާ ކުރަމުންނެވެ. މި މުޒާހަރާގައި ބައިވެރިވާ މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ބައްދަލު ކުރައްވާފައެވެ.

ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަން ހައްލުކުރަން މިފްކޯއިން ލޯނެއް ނަގައިގެން ވެސް މަސްވެރިނަށް ފައިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.