Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

އިންޑިއާ ސިފައިން ބާލަން މަޖިލިސް ލިބެން ޖެހޭ

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުދޫ-މީދޫ ރައްޔިތުންނާއި މުހާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން މިވީ ދުވަސްތަކުގައި މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށްކަމަށެވެ. އަދި މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރު ކުރުމުގައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. އަދި އެކަން ހާސިލް ކުރެވެން އޮތީ މަޖްލިސް ސަރުކާރަށް ލިބިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"މިނިވަން ކަމުގެ ހައްގުގައި، އަޅުގަނޑުމެން ފަށައިގެން މިއުޅޭ ތަރައްޤީގެ ކަންކަމުގެ އިތުރަށް އެއަށްވުރެ ބޮޑު މިނިވަންކަމާއި ގުޅިފައި ހުރިކަންކަން، އަޅުގަނޑުމެންގެ ގައުމުގައި ތިބި ބޭރުގެ ސިފައިން މިގައުމުން ބޭލުމަށްޓަކައި، މިއަދާއި ހަމައަށް ހާސިލް ކުރެވުނު ކާމިޔާބީ އެގޮތުގައި ދަމަހައްޓަން ، 10 މޭގެ ކުރިން މި ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ގެންދިއުމަށްޓަކައި، މިހާރު ދެގައުމުގެ ދޭތެރޭގައި ސޮއި ކުރެވިފައިއޮތް ލެޓާ އޮފް އެކްސްޗޭންޖުގައިވާ ގޮތަށް އެކަން ކޮށްނިންމުމަށްޓަކައިވެސްމެ، މިކަން ކުރައްވަން އެބަޖެހޭ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރުން މިހާރުވަނީ ހާސިލް ކުރެވިފައެެވެ، އަދި މަޖްލިސް އިންތިހާބު ނުލިބިއްޖެނަމަ އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ރާވާފައިވާ ގިނަ ކަންކަން ހާސިލް ކުރެވޭނީ މަޖްލިސް ސަރުކާރަށް ލިބިގެން ކަމަށެވެ. އަދި އެކަން އެގޮތަށް ރައްޔިތުން އަދާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ. ސަރުކާރުން މިހާތަނަށް އިންޑިއާ އާއި އެކު ހައިލެވެލް ދެ ބައްދަލުވުމެއް ވަނީ ބާއްވާފައެެވެ. ސަރުކާރުން މިހާތަނަށް ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.