Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ޑަބްލިޔުޑީސީ މެންބަރުންނަށް ހުރިހާ އިނާޔަތެއް ލިބޭ އިސްލާހެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީގެ މެންބަރުންނަށް އެހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހެން މުވައްޒަފުންނަށް ލިބޭ އެލަވަންސްތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ޑަބްލިޔުޑީސީގެ މެންބަރުން ފާޅުކުރަމުންގެންދާ ކަމަށާއި އެކަމުގެ މައްސަލަ ގާނޫނު އޮންނަ ގޮތުން ހައްލުކުރެވިފައި ނުވާ ކަމަށެވެ.

"ގާނޫނުގައި މިއޮތީ މުވައްޒަފުންގެ ގޮތުގައެއް ނޫން، މުވައްޒަފުންނަށް ދޭންޖެހޭ ހައިސިއްޔަތެއް، ސްޓެޓަސްއެއް ނޯވޭ ޑަބްލިޔުޑީސީ މެންބަރުންނަކަށް. އެހެންވީމާ ދެންމެ މި ދެންނެވި އެއްވެސް ކަމެއް ނެތީ ވާން. ގާނޫނު ބަދަލުކުރެވެން އަންނާނީ ސަރުކާރަކަށް ނޫން، ރައްޔިތުންގެ މަޖިލިސް ތެރެއިން. އަޅުގަނޑު ވަރަށް ތާއީދުކުރަން ޑަބްލިޔުޑީސީގެ އެ ކަންބޮޑުވުންތައް ހައްލުކުރަން. އޭރު ވެސް މަސައްކަތްކުރިން އެކަމަށް. ސަރުކާރުން މިހާރުވެސް މަސައްކަތްކުރާނަން އިރާދަކުރެއްވިއްޔާ މަޖިލިސް ތެރެއަށް މިކަމުގެ އިސްލާހެއް ހުށަހެޅޭތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަމަށް އިޖާބައެއް ދީފިއްޔާ އެކަން ވާނެ ކަމަށާއި މިދިޔަ 14 ހަފުތާގެ ތެރޭގައި މަޖިލީހުން މި ސަރުކާރާ މެދު އަމަލުކުރަމުންދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި މަޖިލީހަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންކަން ކޮށްދޭން މަގުފަހިކޮށްދޭ ތަނަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ ޑަބްލިޔުޑީސީއާ ބެހޭ މި މުހިންމު މައްސަލަ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތްކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އިންތިހާބުގައި ހަމަ ޔަގީނުން ވެސް އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބެއް ރައްޔިތުން ދެއްވައިިފިއްޔާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް، އެ ގާނޫނު ބަދަލުކުރާނަން. ބަދަލުކޮށް ޑަބްލިޔުޑީސީތަކަށް މި ދެންނެވި ހުރިހާ އެލަވަންސްތަކާއި ހުރިހާ އިނާޔަތްތަކެއް ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.