Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

މިއީ ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރު

މިއީ ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައީސް މުއިއްޒާއެކު ގާތުން މަސައްކަތް ކުރާއިރު އެމަނިކުފާނުގެ ނިޔަތް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ތެދުވެރި ނިޔަތެއް ނެތް ނަމަ ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށް ނުދެވޭނެ ކަމަށެވެ.

އަދި ކެބިނެޓުގައި ވެސް ތިއްބެވީ ފަތިހު ތިނެއް ޖަހާއިރު ފޯނު ކުރެއްވީމާ ވެސް ފޯނަށް ޖަވާބު ދެއްވޭ ވަރުގެ ގާބިލް ވަޒީރުން ކަމަށާއި އެ ވަޒީރުން ތިއްބެވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ރޭގަނޑާއި ދުވާލު ހަދިޔާ ކުރަން ތައްޔާރަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. ރައްޔިތުން ކޮށް ދެއްވަންވީ ހަމައެކަނި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑުތަނުން ރައީސް މުއިއްޒަށް ކާމިޔާބު ކޮށް ދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ފަސް އަހަރު،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް މުއިއްޒަށް މަޖިލިސް ދީގެން ކަމަށެވެ. އަދި ފުވައްމުލަކުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކާ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްދެއްވުމަށް ވެސް އަދުރޭ އެދިވަޑައިގެންނެވި އެވެ.