Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ބޭނުން އިރަކު ވެރިކަން ބަދަލުކުރަން ފުރުސަތު ނުދެވޭނެ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ބޭނުން އިރަކު ވެރިކަން ބަދަލުކުރަން ފުރުސަތު ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރަން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ޒުވާން ޖީލުގެ ވެރިކަމަށް ފުރުސަތު ދޭންޖެހޭ ކަމަށާއި ސިޔާސީ ލީޑަރުން ގައުމާ މެދު އިންސާފުވެރި ވާންޖެހޭ ކަމަށެވެ.

"ތިމާ ބޭނުންހާ ގޮތަކަށް ބޭނުންހާ އިރެއްގައި، ރާއްޖޭގައި ގާއިމުކުރެވިފައި ހުންނަ ވެރިކަން، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ވެރިކަންތައް ފުރޮޅާލައި، އަމިއްލަ މަސްލަހަތު ކުރިއެރުމަށްޓަކައި ޖާގައެއް ނުދެވޭނެ. އިންސާފުވެރިވާން ޖެހޭނެ،" ޝަހީމު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖޭން ބޭރަށް 120 ބިލިއަން ރުފިޔާއިން ދަރަނިވެފައިވާ ވަގުތެއް ކަމަށާއި ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކާއި ކުންފުނިތައް އޮތީ ދަރާފައި ކަމަށެވެ. އަދި މިނިވަންކަމާއި ސިޔާދަތަށްވެސް އޮތީ ލޮޅުން އަރާފައި ކަމަށާއި މި ކަންކަމުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ހިތްމަތާއި ހިތްވަރާއި ކެތްތެރިކަމާއެކުގައި މަސައްކަތް ކުރައްވަމުންދާ ޒުވާން، ވަރުހުރި ރައީސެއްގެ ވެރިކަން 13 ހަފުތާގެ ތެރޭގައި ގުޑުވާލަން މި މަސައްކަތް ކުރަނީ ކީއްވެގެންތޯ ވިސްނާލަންޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އަދި 13 ހަފުތާއަކީ ރައީސަކު އަޒުލުކުރުމަށް އިންސާފުވެރި މުއްދަތެއް ނޫން ކަމަށާއި ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ޓީމުން ރާއްޖޭގައި ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ގައުމަށްޓަކައި ކަމަށް ޝަހީމް ވިދާޅުވި އެވެ.