ވެރިކަމުގެ ޒިންމާ އަދާކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މުހިއްމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދިމާވި ދަތިތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ 14ގެ މަސައްކަތް މިދިޔައީ އެންމެ ފަސޭހަ ގޮތަކަށް ނޫން ކަމަށެވެ. މަޖިލީހުގެ ތެރެއިން ކަންކަން ފަސޭހަ ވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށާއި ކަންކަން މި ދިޔައީ ދުނިޔޭގެ އެއްވެސް ތާކު ކަންކަން ދާ ގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވިޔަސް، ރައްޔިތުންނަށް މިއޮތީ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރު، އިންތިހާބުތަކުން މި ލިބެނީ. މިއީ މި ދެންނެވި ސީރިއަސް ބައިވަރު މަސައްކަތްތައް ކުރުމުގައި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގައި ކުރަން ހުރި މަސައްކަތްތަކުގައި ވިސްނަން ޖެހޭ ވިސްނުމެއް ވީމަ މި ވާހަކަ މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި، މިކުރާ މަސައްކަތް ކުރުމަށްޓަކާ އިތުރަށް ބޭނުންވާ ކަމެއްގެ ވާހަކަ މިއީ،"
ރައީސް ވަނީ މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މިދިޔަ 14 ހަފްތާ ތެރޭގައި މަޖިލިސް ތެރެއިން އެއްވެސް އަސާސާސެއް ނެތި ކުރިމަތިކުރަމުންދިޔަ ކަންކަމުގެ ސަބަބުން ކަންކަން ކުރަންޖެހޭ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ކުރަން ޖެހޭ ކަންކަން ނުކޮށް، ފަރުވާކުޑަކުރާނަމަ މަޖިލީހުގެ ތެރެއިން ކަންކަން ކުރުން މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.