Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ދައުލަތުގައި ފައިސާ އެބަހުރި، ދުލެއް ނުކުރާނަން

އިހުތިޖާޖު ކުރަމުންދާ މަސްވެރިން

ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި މިފަހަރު ދޫ ދިނުމެއް ނެތް ކަމަށް މަސްވެރިން ބުނެފި އެވެ.

މަސްވެރިން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޫއްޑޫގައި އިހުތިޖާޖެއް ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ. އެ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރެއްވި އެވެ. އަދި ރޭ މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު ރަޝީދު ވެސް މަސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކި މަސްވެރިއަކު ބުނީ ދައުލަތުގައި ފައިސާ އެބަ ހުރި ކަމަށާއި މިއީ ވަރަށް ދަންނަ ކަންތައް ކަމަށެވެ. މަސްވެރިންނަކީ ގެއްލިފައި ތިބި ބައެއް ނޫން ކަމަށާއި ގައުމަށް ޓެކްސްގެ ގޮތުގައި މިލިއަން ފައިސާ ވަންނަމުންދާއިރު މިއީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެކީ ހަލާސްކުރަންވީ ވަގުތު ކަމަށް އެ މަސްވެރިއާ ބުންޏެވެ.

މިފްކޯގެ ސީއީއޯ މި ބައްދަލުވުމުގައި ވަނީ މިފްކޯގެ އަތުގައި މިވަގުތު ހުރި 22 މިލިއަން ރުފިޔާ ކޫއްޑޫ ބަނދަރުގައި އޮތް 28 ދޯނީގެ މެދުގައި ބަހާލުމަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އަދި މިއަދު ލިބޭ ތިން މިލިއަން ޑޮލަރު މާރު ކުރުމަށް ފަހު މާދަމާ ދިނުމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މަސްވެރިން ވަނީ އެ 28 ދޯނިގެ ހަމައެކަނި ކޮއްތު ބިލު ވެސް 22 މިލިއަން ރުފިޔާއިން ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

އިތުރު މަސްވެރިއަކު ވާހަކަދައްކަމުން ވަނީ ދައުލަތުގެ ރިޒާވުގައި 471 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނާ ކަމަށާއި އެހެންކަމުން މަސްވެރިންނަށް ފައިސާ ދިނުމަށް ރިޒާވުން ބައެއް ދޭން އެމްއެމްއޭގެ ގަވަރުނަރުގެ އަރިހުގައި ދެންނެވުމަށް މިފްކޯގެ ސީއީއޯގެ އަރިހުން އެދިފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު މިފްކޯއިން ބޭރުކުރި މަހަށް 222 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ 222 މިލިއަނުން މަސްވެރިންނަށް ދިނީ 80 މިލިއަން ކަމަށްވެސް މަސްވެރިއަކު ބުންޏެވެ.

"ދެން ކޮބާތޯ ބާކީ ފައިސާ. ބާކީ ފައިސާ އަށް ކީއްތޯ ކުރީ. ޖަވާބު ދެއްވާ. އަޅުގަނޑުމެން ދުލެއް ނުކުރާނަން،" މަސްވެރިއަކު ބުންޏެވެ.