Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ މާޗް 5 ގެ ކުރިން ފައިސާ ދޭނެ ކަމަށް

މިނިސްޓަރ އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިންނަށް ދޭންހުރި 280 މިލިއަން ރުފިޔާ މާޗް 5 ގެ ކުރިން ދައްކާ ހަލާސްކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު މެންބަރުން ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ، މަސައްކަތް ކުރައްވަމުން އަންނަނީ މަސްވރިންނަށްދޭން ހުރި ފައިސާ ދައްކާ ހަލާސްކުރުމަށް ކަމަށެވެ.

މަސްވެރިންނަށް ދޭންހުރީ 280 މިލިއަން ރުފިޔާކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ 5 މާޗުގެ ކުރިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރައްވާނެ ކަމަށެވެ. އަދި ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހު 26 ގެ ކުރިން މަސްވެރިންނަށް ދޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަހުގެ އަގު 20 ރުފިޔާއަށް ވުރެއް ދަށް ނުކުރާނެ ކަމަށާއި އަދި އެއްވެސް ޕްރައިވެޓް ކުންފުންޏަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި އަގު އިތުރަށް ދަށް ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯ ހަރުދަނާކުރުމުގެ މަސައްކަތް އަދި ހަރަދު ކުޑަކުރުމުގެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށެވެ.