Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

ޕުލްކިތާއި ކްރިތީގެ ކައިވެނި އަންނަ މަހު

ދާދި ފަހުން އެންގޭޖް ވެސް ވެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ޕުލްކިތު ސަމްރާޓާއި ކްރިތީ ކަރްބަންދާ އަންނަ މަހު ކައިވެނި ކުރަން ނިންމައިފި އެވެ.

ކައިވެނި ކުރަން އުޅޭކަމުގެ އިޝާރާތްތަކެއް ދެ މީހުން ވެސް އިންސްޓަގްރާމްގައި ދީފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 އެވެ. ޕުލްކިތާއި ކްރިތީއާ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ދެ ފަރާތުގެ އާއިލާ އިން ވެސް މިހާރު ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕުލްކިތާއި ކްރިތީ ރައްޓެހީ 2018 ގަ އެވެ. އެ ދެ މީހުން އެއް ފިލްމެއްގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2019 ގެ "ޕާގަލްޕަންތީ" އެވެ.

"ސަނަމް ރޭ" އާއި "ފުކްރޭ" ފަދަ ފިލްމުތައް ކުޅެފައިވާ ޕުލްކިތު، 40، އަކީ ކުރިން ވެސް ކައިވެންޏެއްކޮށްފައިވާ މީހެކެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ އެކްޓަރު ސަލްމާން ޚާނާ ދުރުތާ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާ އެވެ. އެ ދެ މީހުންގެ 2014 ގެ ކައިވެނީ ރޫޅުނީ 2015 ގަ އެވެ.

ދެހާސް ސޯޅައިގެ "ރާޒް: ރީބޫޓް" އިން ބޮލީވުޑަށް ނުކުތް ކްރިތީ، 33، އަކީ ދެކުނުގެ ފިލްމުތަކުން އެކްޓިން ދަތުރު ފެށި ބަތަލާއެކެވެ. އޭނަ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 4"، "ޝާދީ މޭ ޒަރޫރު އާނާ"، "ވީރޭ ކީ ވެޑިން" އަދި "ޔަމްލާ ޕަގްލާ ދީނާވާ: ޕިރް ސޭ" ހިމެނެ އެވެ.