Last Updated: July 27, 10:26
Saturday, July 27, 2024
މުނިފޫހިފިލުވުން

"ޑޮން 3" ގެ ބަތަލާއަކަށް ކިއާރާ ނަގައިފި

ރަންވީރު ސިންގުގެ "ޑޮން 3" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެ ފިލްމު އުފައްދާ އެކްސަލް އެންޓަޓައިންމަންޓުން އެކަން މިއަދު އިއުލާންކުރީ، ފިލްމަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް މިއަދު ބޮޑު ޚަބަރެއް ދޭނެކަން އިއްޔެ އިއުލާން ކުރުމަށް ފަހު އެވެ. "ޑޮން 3" އަށް ކިއާރާ ނެގިކަން ކަށަވަރުކޮށް ދިނުމުގެ މާ ކުރިން ވެސް މި ފިލްމުގެ ބަތަލާ އަކީ އޭނަ ކަމަށް ބުނެ މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 9 ގައި "ޑޮން 3" ރަސްމީކޮށް އިއުލާންކުރުމާ އެކީ ފިލްމުގެ ބަތަލާ އަކީ ކިއާރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެކަމަކު އޭގެ ފަހުން ކްރިތީ ސެނަން ފިލްމަށް ގެންނަން އުޅޭ ވާހަކަ އާއި ޝާހްރުކް ޚާނާ އެކީ ގެނެސްދިން "ޑޮން" ގެ ދެ ފިލްމުގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ތިން ވަނަ ބައިން ފެންނާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ނަމަވެސް ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ "ޑޮން 3" ގެ ބަތަލާ އަކީ އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާކަން މިހާރު މިއޮތީ ކަށަވަރުވެފަ އެވެ. މި ފިލްމު ވާނީ އޭނަ ރަންވީރާ އެކީ ކުޅޭ ފުރަތަމަ ފިލްމަށެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކިއާރާ އަކީ މި ވަގުތު ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ "ޑޮން 3" ގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ތިބީ އެކަން ކަށަވަރުކޮށް ދޭނެ އިރެއްގެ އިންތިޒާރުގަ އެވެ. އިމްރާނަކީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ގެ ވެސް ވިލަން އެވެ.