Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

މަސްވެރިން އެދެނީ ވަކި މެންބަރެއްގެ ނުފޫޒުން މިފްކޯ ސަލާމަތްކޮށްދޭން

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިން އެދެނީ ވަކި މެންބަރެއްގެ ނުފޫޒުން މިފްކޯ ސަލާމަތްކޮށްދިނުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ މިފްކޯގައި ސްޓޮކް ހުންނާނެ ކަމަށާއި މިފްކޯގެ ގުދަންތައް އަބަދުވެސް ހުންނާނީ ފުރިފައި ކަމަށެވެ. އަދި މަސް ވިއްކައިގެން ފައިސާ ލިބޭއިރު މަސްވެރިންނަށް ފައިސާ ނުދެވިގެންއުޅެނީ ކީއްވެތޯ ސައުދު ސުވާލު ކުރެއްވިއެވެ. އަދި މަސްވެރިންނަށް ފައިސާ ނުދެވިއޮތް މައްސަލައިގައި ސައުދު ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސައުދުގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯއަށް ލިބޭއެއްޗަކުން މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ މިފްކޯ ގެންގޮސްފައިއޮތް ހާލަތުގެ ސަބަބުން ކަމަށެވެ. އަދި މިފްކޯ މިހާލަތަށް ދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެކިއެކި ސަރުކާރުތަކުގައި ނުފޫޒުގަދަ އެކި ފަރާތްތަކުންކުން ކުރި ކަންކަމުން ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ހުވަދުއަށް ދިއުމުން ބައެއް މަސްވެރިންގެ ޝަކުވާއަކީ ވަކި މީހެއްގެ ބާރާއި ނުފޫޒުގައި މިފްކޯގެ މަގާމުތަކަށް މީހުން އައްޔަނުކުރާކުރުން ކަމަށާއި އަދި ވަކި މީހަކު ބޭނުންވާގޮތަކަށް މިފްކޯ ހިންގާކަމަށްބުނެ ވެސް މަސްވެރިން ޝަކުވާކުރާ ކަމަށެވެ. މިފްކޯގެ އެކަންކަން ހުއްޓުވާނެ ކަމަށާއި އުނދަގޫވެގެން އުޅެނީވެސް އެކަންކަން ހުއްޓާލަން އުޅޭތީ ކަމަށެވެ. އަދި މިފްކޯ ރިސްޓްރަކްޗާކޮށް ރިފޯމް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހުވަދޫގެ މަސްވެރިންނާ އަޅުގަނޑު މިއައީ ބައްދަލުކޮށްފައި. އެބޭފުޅުންގެ މައިގަނޑު ޝަކުވާގެ ވާހަކަ އަޅުގަނޑު މި ދެންނެވީ، މިތަން އެހައް ހައްލުކޮށްދީބަލާށޭ، ވަކި މެންބަރެއްގެ ނުފޫޒުން މިތަން ސަލާމަތް ކޮށްދީބަލާށޭ. ތިމަންނަމެން ކުރާ މަސައްކަތުގެ އުޖޫރަ ލިބެނީ މިތަނުގެ ޚަރަދު ކުޑަކުރެވިގެންނޭ. ވަކި މީހަކު ބޭނުންވީމަ މިފްކޯގެ ވަޒީފާތައް ގިނަކޮށްގެން ހިންގާ ހިންގުން ނިމުމަކަށް ގެނެސްދޭށޭ." މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ގެނެސްދޭނެ ކަމަށާއި މިފްކޯ ރިފޯމް ކުރާނެ ކަމަށެވެ. އަދި އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ބޮޑެތި މަގާމުތަކުގައި ތިބި އެކި ކަހަލަ ކޮންސަލްޓެންޓުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.