Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

ޝާހްރުކްގެ "ޕަތާން 2" ގެ ޝޫޓިން ޑިސެމްބަރުގައި

މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމު "ޕާތަން" ގެ ސީކްއެލްގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެ ފިލްމު ޕްރޮޑިއުސްކުރި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ "ޕަތާން 2" ހަދަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި ފުރަތަމަ ބައި ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން ދެވަނަ ބައި ހެދުމުގެ މަޝްވަރާތައް އޭނަ ޝާހްރުކާ އެކީ ކުރަމުން ގޮސްފައިވާ ކަމަށެވެ.

އެހެންވެ މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން ވައިއާރްއެފްގެ "ސްޕައިސް ޔުނިވާސް" އަށް ނިސްބަތްވާ "ޕަތާން" ގެ ދެވަނަ ބައިގެ ޝޫޓިން ޑިސެމްބަރުގައި ފަށަން ކަންކަން ރާވަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. ނަމަވެސް "ޕަތާން 2" ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ސިދާތު އާނަންދު ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދިން "ފައިޓާ" އެވެ.

"ޕަތާން 2" ހަދަން ނިންމާފައި ވަނީ "ސްޕައި ޔުނިވާސް" ގައި ހިމެނޭ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގައި އޭނަ ކުޅޭ ޓައިގާގެ ކެރެކްޓާ އާއި ޝާހްރުކްގެ ޕަތާން ކެރެކްޓާގެ ވަރުގަދަ ކުރިމަތިލުމެއް ދައްކުވައިދޭ ގޮތަށް "ޓައިގާ ވާސަސް ޕަތާން" ގެ ނަމުގައި ވެސް ފިލްމެއް ހެދުމުގެ ވާހަކަ ދެކެވިފައި ވަނިކޮށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރި "ޕަތާން" އަކީ ބޮކްސް އޮފީހުގައި 1،050.3 ކްރޯޑް ރުޕީސް (127 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނޭ ފިލްމު ހެދީ 240 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" އަށް އަންނަން ހުރި ފިލްމުތަކުގެ ތެރޭގައި ރިތިކާއި އެންޓީއާރް ޖޫނިއާގެ "ވޯ 2" އާއި އާލިއާ ބަޓާއި ޝަރްވާރީ ވާގް ހިމަނައިގެން ހަދަން ނިންމާފައިވާ ފިލްމެއް ހިމެނެ އެވެ.

"ސްޕައިސް ޔުނިވާސް" އިން އެންމެ ފަހުން ގެނެސްދިނީ ނޮވެމްބަރުގައި ރިލީޒްކުރި ސަލްމާންގެ "ޓައިގާ 3" އެވެ.