Last Updated: July 27, 14:36
Saturday, July 27, 2024
މުނިފޫހިފިލުވުން

"ލަސްވިޔަސް" އައިއެމްޑީބީގައި ލިސްޓްކޮށްފި

މި އަހަރު އެޕްރީލްގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ "ލަސްވިޔަސް…" އައިއެމްޑީބީގައި ލިސްޓްކޮށްފި އެވެ.

ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ މި ފިލްމު އޭގައި ހިމެނުމާ ގުޅިގެން ފިލްމާ ގުޅޭ ވަރަށް ގިނަ އިތުރު މައުލޫމާތު ބެލުންތެރިންނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ފިލްމާ ގުޅުން ހުރި އެކިއެކި މުހިއްމު މައުލޫމާތުތަކާއި ފޮޓޯތައް ވެސް ހިމެނެ އެވެ.

މި އަހަރުގެ އެޕްރީލް 12 އަށް ތާވަލުކޮށްފައި އޮތް "ލަސްވިޔަސް…" އަކީ 1994 ގެ "ދެރިޔާ" އަށް ފަހު ޓެޑްރީގެ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. މިއީ ކެންސަރާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ އަސަރު ގަދަ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އެގޮތުން ފިލްމުގެ އެންމެ މުހިއްމު އެކަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ.

"ލަސްވިޔަސް…" ގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދެވެ. ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެގޮތުން އިފްނާޒް ފިރާގު، ތާތި އަހުމަދު، ހަދީޖާ އިބްރާހީމް (ކުޑަހައްޖަ)، އަހުމަދު، އާސިމް، ރަވީ ފާރޫގް، އިބްރާހީމް ޖިހާދު ޖިމީގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ރީކޯ މޫސާ މަނިކާއި މިދިޔަ އަހަރު ނިޔާވި ބަތަލާ ފައުޒިއްޔާ ހަސަން ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ޓެޑްރީ ގެނެސްދިން ވަރަށް މަޝްހޫރު ވީޑިއޯ ލަވައެއް ކަމަށްވާ "ޖާދޫހަ ޖެހޭނޭ" ލަވައިގެ އެކްޓަރު ޖޭމް އައްލޯ ވެސް "ލަސްވިޔަސް…" ގެ ހާއްސަ ފެނިލުމަކުން ފެންނާނެކަމެވެ.

މި ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރާއި ބައެއް ލަވަތައް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމު އޮލިމްޕަހުގައި ދައްކަން ޓެޑްރީ އޮތީ ދެ މަސް ދުވަހަށް އެތަން ނަގައިފަ އެވެ.

"ލަސްވިޔަސް…" އަކީ 2017 ގައި އިއުލާންކުރި އެއްޗެކެވެ. އެކަމަކު މި ފިލްމުގެ ޝޫޓިން ފެށީ 2022 ގަ އެވެ.