Last Updated: May 17, 21:29
Friday, May 17, 2024
ޚަބަރު

އެމްއޭސީއެލް ހިންގުން ހަރުދަނާ ކުރަން ފޯރަމެއް

އެމްއޭސީއެލް ޓޭކް އޮފް 2024 ފޯރަމް ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ހިންގުން މިއަހަރަށް އެއް މިސްރާބަކަށް ގެންދިއުމަށް ޓޭކް އޮފް 2024 ގެ ނަމުގައި ފޯރަމެއް އެމްއޭސީއެލްއިން ފަށައިިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމްއޭސީއެލްއިން ބުނީ، ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި އެކުންފުނީގެ ޑިޕާޓްމެންޓުތަކުން ބައިވެރިވެއެވެ. ކްރޮސް ރޯޑުގައި ކުރިއަށް ގެންދާ ފޯރަމުގެ މަޤްސަދަކީ ކުންފުނީން މިއަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާކޮށް، އެ މިސްރާބަކަށް އަމާޒުހިފައި މަސައްކަތް ކުރުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕަރޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

މީގެ އިތުރުން ކުރުމުއްދަތުގެ ލަނޑުދަނޑިތަކަށް ފޯކަސް ކުރުމުން، މުސްތަޤުބަލު ގެއްލިދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ބުނީ މިއީ މިފަދަ ފޯރަމެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިއަށް މިއަހަރު ނިންމަންވެސް މިފަދަ ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.