Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ކުޑަރިކިއްޔަށް ވެސް ޕޮލިސް ޕޯސްޓެއް

ބ. ކުޑަރިކިލުގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކުޑަރިކިލު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.

ސީޕީ ވިދާޅުވީ ކުޑަރިކިލުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފުރަތަމަ ފަހަރަށް ފުލުހުންގެ ދިދަ އުފުލައިލެވޭ ދުވަހަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. އަދި އެ ރަށަކީ ނިސްބަތުން އާބާދީ މަދު ރަށެއް ކަމަށާއި ކުށްމަދު އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ފާއިތުވި އަހަރެއްހައި ދުވަހުތެރޭގައި ކުޑަރިކިލުން ފުލުހުންނަށް ހުށަހަޅާފައި ވަނީ އެންމެ ތިން މައްސަލަ އެވެ. އޭގެ ތެރެއިން ކޭސްކޮށްގެން ތަހުގީގުކޮށްފައި ވަނީ އެންމެ މައްސަލައެއް ކަމަށާއި އެކަމުން ދޭހަވަނީ ކުޑަރިކިއްޔަކީ އަހުވަންތަ އަދި ކުށްތަކަށް ނުހަނު ބޮޑަށް ހޭލުންތެރިވެފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށް ވިދާޅުވި އެވެ.

ސީޕީ ޝުޖާއު ވަނީ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމިއިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށް ދެއްވުމަށާއި ރަށުގައި ފުލުހުން ގާއިމުވެ ތިބިކަން ރައްޔިތުންނަށް އިހުސާސްވާނޭ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކޮށްދެއްވުމަށް ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އިލްތިމާސްކުރައްވައިފަ އެވެ.

މިއަދު ބ. ހިތާދޫގައި ވެސް ޕޮލިސް ޕޯސްޓެއް ހުޅުވާފައިވެ އެވެ.