Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

މަސްވެރިންނަށް ފައިސާ ނުދެވެނީ ނާގާބިލުކަމުން

އިހުތިޖާޖު ކުރަމުންދާ މަސްވެރިން

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވެނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މަސްވެރިން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޫއްޑޫގައި އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިހުތިޖާޖެއް ކުރަމުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަސް ބޯމަތިވެފައިވާއިރު މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާތީ ކަންބޮޑުވާ ކަމަށާއި ވީއެންމެ އަވަހަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލާ ކަމަށެވެ.

ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުންނެވެ. އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެމްޑީޕީން ބުންޏެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވެ އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިލާފުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާ ކަމަށާއި މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދައި އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށާއި އޭގެ އިތުރުން, ރަމަޟާން މަހަށް ފަހު މަސް ގަންނަ އަގު 15 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް މަސްވެރިންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ދޭން ޖެހޭ ހަމަ އަގު އަދާކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.