Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ސަރުކާރަށް މަޖިލިސް ދީ، ނޫނީ ނިޒާމު ބޮއްސުންލައިފާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުދީފިނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގދ. މަޑަވެލީގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރޭވިފައި އޮތް ގޮތުން ސަރުކާރަށް ކަމެއް ކުރެވެން އަންނަނީ ރައްޔިތުންގެ ނިންމުން ދެ ފަހަރެއްގެ މަތިން ނިންމައިގެން ކަމަށާއި އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނިންމުން ކަމަށެވެ. ދެ އިންތިހާބު އެކީ އޮންނަ ނަމަ ވަރަށް ފަސޭހަވީސް ކަމަށާއި މަޖިލީހަކީ ސަރުކާރެއް ވަކި މިސްރާބަކުން ގެންދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މި އޮތީ މަސްހުނި ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން މަޖިލީހަށް އޮންނަ ބާރުތަކެއް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ ދައުލަތް އިންތިހާ އަށް ބޮއްސުންލައިފާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ދޭތެރެ މެދުގައި ތާށިވެ، މުޅިސް ގޮސް ހުސްވާ ހިސާބަށް ގެންދެވިދާނެ ނިޒާމެއް ރާއްޖޭގައި މިއޮތީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ ބާރު ސްޕީޑުގައި ކުރިއަށް ދެވޭނެ މަގު މަޖިލީހުގެ ތެރެއިން ވެސް ފަހިވާނެ ގޮތަށް ކަންކަން ރޭވުމުގެ ބާރު މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ އަތަށް އަރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ރައްޔިތުން ގޮތް ނިންމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.