Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ޝާހިދަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް

އެމްޑީޕީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސްގެ މަގާމު ޝާހިދަށް މިއަދު ލިބިވަޑައިގެންނެވީ އެ މަގާމަށް އިތުރު އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލުމުންނެވެ.

ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާހިދަށް އިޚްލާސްތެރި މަރުހަބާއާއި މުބާރިކް ބާދީ ދަންނަވާ ކަމަށެވެ. ޕާޓީގެ ރައީސްކަމުގެ މަޤާމްގައި ހުންނަވައިގެން ޤައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ޝާހިދު ކޮށްދެވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ ޒިންމާއާ ހަވާލު ވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ،" ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.