Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ތިނަދޫގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅަން ހަވާލުކޮށްފި

ގދ. ތިނަދޫގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ތިނަދޫގެ ފަޅު ހިއްކައިގެން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. ދެ އަހަރުތެރޭ ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއަކީ އިންވެސްޓަރުގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށެވެ. އަދި ޕްރިމިއަމް ފްލައިން ސްކޫލެއް ގާއިމްކުރުމާއި ފިއުލް ފާމެއް ގާއިމްކުރުމާއި، ކާގޯ ޚިދުމަތް ގާއިމުކުރުމުގެ އިތުރުން ސީޕްލޭން ހަބެއް ވެސް ގާއިމްކުރަން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރު 12 ރިސޯޓެއް ތަރައްގީކުރާނެ ކަމަށާއި އެއީ 2،400އަށްވުރެ ގިނަ އެނދު ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ވަނީ މިއީ މިހާތަނަށް ހުވަދޫގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށާއި މި ޕްރޮޖެކްޓާއެކު މުޅި ހުވަދޫ ބަދަލުކޮށްލާނެ ކަމަށް ބުނެފަ އެވެ.