Last Updated: July 27, 09:39
Saturday, July 27, 2024
މުނިފޫހިފިލުވުން

އަނުޝްކާ އަށް މި ފަހަރު ފިރިހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އަށް ދެވަނަ ކުއްޖަކު ލިބިއްޖެ އެވެ.

އޭނަ އާއި ފިރިމީހާ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އަށް މި މަހުގެ 15 ގައި ލިބުނީ ފިރިހެން ކުއްޖެކެވެ. އެ ވާހަކަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ހިއްސާކޮށް ކުއްޖާގެ ނަން ވެސް އާންމުކޮށްފައިވެ އެވެ. ދަރިފުޅަށް ކިޔަނީ އަކާއި އެވެ. އަނުޝްކާ ވިހެމާއާ ހަމައަށް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އުޅުނީ ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ. އެކަމަކު އެ ވާހަަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވެމުން ދިޔަ އެވެ.

އަނުޝްކާ އާއި ވިރާޓަށް ލިބުނު ފުރަތަމަ ދަރިފުޅަކީ މިހާރު އުމުރުން 3 އަހަރުގެ ވަމީކާ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2017 ގަ އެވެ.

އަނުޝްކާ އަކީ ޝާހްރުކް ޚާނާ އެކީ 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް ބަތަކާއެކެވެ. ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އަށް ފަހު އަނުޝްކާ އުޅުނީ ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގަ އެވެ. އެކަމަކު 2022 ގައި އޭނަ "ޗަކްދާ އެކްސްޕްރެސް" ކިޔާ ފިލްމެއް ކުޅެފައިވެ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ މި ފިލްމުގައި އަނުޝްކާ ކުޅުނީ އިންޑިއާގެ އަންހެން ކްރިކެޓް ތަރި، ޖޫލާން ގޮސްވާމީގެ ރޯލެވެ.