Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

އިހުތިޖާޖު ހުއްޓާލައި މަސްވެރިން މަޝްވަރާ އަށް އާދޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އިހުތިޖާޖު ހުއްޓާލުމަށް ފަހު މަސްވެރިން މަޝްވަރާ އަށް އައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

މަސްވެރިން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޫއްޑޫގައި އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިހުތިޖާޖެއް ކުރަމުންނެވެ. އަދި މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫގެ މަސްވެރިން ވެސް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަތުގައި ފައިސާ ހުރި ނަމަ މަސްވެރިންނަށް ނުދީ ނުތިބޭނެ ކަމަށާއި އިހުތިޖާޖުކޮށްގެން ވަކި މަސްވެރިންނަށް ވެސް ގައުމަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. މިކަމުގައި މަސްވެރިންނާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އިތުރަށް މަޝްވަރާ ކުރައްވަން. އަޅުގަނޑު ވެސް މިހުރީ ތައްޔާރަށް، އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅުވާނަމަ މިރޭ ވިޔަސް މާދަމާ ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަންކަން ހާސިލުވާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށާއި ރައްޔިތުންގެ ފައިސާއިން ހަދާފައި ހުންނަ އަގުބޮޑު ތަންތަނުގައި މުޒާހަރާކޮށް، އެ ތަންތަނުގައި ހުންނަ އިންޖީނުގެތަކަށް ވަދެ ކަންކަން ކުރުމަކީ މަސްވެރިން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އެ ތަންތަން ހުއްޓުމުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށާއި ގައުމެއްގައި ނަމަ ހަމަޔެއް އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރީތި އުސޫލު އެންމެން ވެސް ހިޔާރު ކުރަން ޖެހޭނީ. އެގޮތުގައި ކުރިއަށް ދިޔުމުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލުވާނީ. ހުރިހާ ރައްޔިތުން ވެސް ކަންކަން ކުރަންވީ އެގޮތުގައި. އަޅުގަނޑުގެ ފަރާތުން ލިބޭނީ އެއްބާރުލުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ހަލާސްކޮށް ނުނިމެނީސް އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް މަސްވެރިން ވަނީ ބުނެފަ އެވެ.