Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ވައުދު ފުއްދަން ރައްޔިތުން އެހީތެރިވެދީ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ވައުދު ފުއްދަން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ރައްޔިތުން އެހީތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް އުނދަގުލުން ވެސް ކަންކަން ވާ ކަމަށާއި ނަމަވެސް އެންމެ ބާރު މިނުގައި ކަންކަން ކުރެވެން އަންނަނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ ފާއިތުވި ތިން މަހުގެ ތެރޭގައި އުޅެން ޖެހުނު ދަތި އުނދަގުލަށް ވުރެ މާ ބާރަށް ކަންކަން ކުރެވޭނެ ކަމަށާއި ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ވައުދުތައް ފުއްދާ މީހަކަށް ވާން ބޭނުން. އެކަންކަން ކުރުމުގެ ފުރުސަތު ދެވެން އޮތީ ރައްޔިތުންނަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނިޒާމު އޮތް ގޮތުން ދޭތެރެދޭތެރެއިން ރައްޔިތުންގެ އަތް މައްޗަށް ވޯޓުން ކަންކަން ނިންމުމުގެ ބާރު އަރާ ކަމަށާއި އެމަނިކުފާނަށް މި ކަންކަން ކުރެއްވުމަށް އެހީތެރިކަމެއް ދެއްވެން އޮތީ ވެސް ރައްޔިތުންނަށް ކަމަށެވެ.

"މި ތިން މަހުގެ ތަޖުރިބާ އިން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ހުރިހާ ރައްޔިތުންނަށް، އެ ނޫން ގޮތަކަށް ކަންކަން ގޮސްފި ނަމަ، ކަންކަން ވާ ގޮތް. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާއްވާ ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް ގެންދަވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.