Last Updated: May 2, 11:55
Thursday, May 2, 2024
ކުޅިވަރު

ސިޓީން ލިވަޕޫލްގެ ފަހަތުގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓަކަށް ފަރަގުކުޑަކޮށްފި އެވެ.

މި މޮޅާ އެކު ލީގުގެ ދެވަނައިގައި ސިޓީ އޮތީ 25 މެޗުން ލިބުނު 56 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 57 ޕޮއިންޓާ އެކު އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، މި ހާފުގައި ސިޓީން ވަނީ ޕެނަލްޓީއޭރިއާގެ ބޭރުން ބްރެންޓްފޯޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއު ކުރުމުގައި ބްރެންޓްފޯޑުގެ ގޯލްކީޕަރު މާކް ފްލެކެންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ. މި ގޯލަށް ފަހު ވެސް ސިޓީން ވަނީ ލީޑު ފުޅާކޮށްލަން ވެސް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ސިޓީން ލިވަޕޫލްގެ ފަހަތުގައި ވިއްދާފައިވާ އިރު އެއްވަނައިގައި ލީޑު ފުޅާކޮށްލަން ލިވަޕޫލަށް މިރޭ އަނެއްކާވެސް ފުރުސަތު ލިބޭނެ އެވެ. ލީގުގައި ލިވަޕޫލް މިރޭ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ލޫޓަން ޓައުންއާ އެވެ.