Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރުމަށްވި ވައުދު ފުއްދުން ލަސްވާތީ މަޖިލީހަށް

މެންބަރު ހުސައިން މުހައްމަދުދީދީ- ފޮޓޯ: ރަައްޔިތުންގެ މަޖިލިސް

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުއްދުން ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީއެވެ.

މެންބަރު ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނުއަށް ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި މި ވައުދުވެފައިވަނީ 2024 ގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާނެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނުކޮށް އޮނިގަނޑުތައް ބެހިގެންވާގޮތް ހާމަކޮށްފައިވަނިކޮށް ކަމަށެވެ.

އެހެންނަމަވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން މިވަގުތަށް ތަންފީޒުކުރެވެން ނެތްކަމަށް އަދި އެކަން ފަސްކޮށްފައިވާކަމަށް އަންގާފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި މާލީ ހާލަތު ރަނގަޅުވެއްޖެނަމަ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން މާޗު މަހުން ފެށިގެން ތަންފީޒުކުރާނެކަމަށްވެސް ހާމަކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މެންބަރު ހުސައިންގެ މައްސައިގައި ބުނެފައިވަނީ މި ވައުދު ފުއްދުން ލަސްވާވުމާމެދު ސިފައިންނާއި ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މާޗު މަހާ ހަމައަށް މުސާރަ ބޮޑުނުވެދާނެކަމުގެ ކަންބޮޑުވުންފާޅުކޮށް އެ ވައުދު ފުއްދުން އަވަސްކުރުމަށް މައްސަލައިގައި ވަނީ ގޮވާލާފައެވެ.