Last Updated: July 27, 15:08
Saturday, July 27, 2024
ދުނިޔެ

ޕާކިސްތާންގައި ކޯލިޝަން ސަރުކާރެއް އުފައްދަނީ

ނަވާޒު އަދި ޒަރުދާރީ.

ގުޅިގެން ސަރުކާރެއް އުފައްދަން ޕާކިސްތާންގެ ބޮޑު ދެ ޕާޓީއަކުން ކޯލިޝަން ހަދައިފި އެވެ.

ކޯލިޝަން ހެދިކަން އިއްޔެ އިއުލާންކުރި ދެ ޕާޓީ އަކީ މި މަހުގެ ކުރީކޮޅު ބޭއްވި އާންމު އިންތިހާބުގައި ވާދަކުރި ބޮޑު ދެ ޕާޓީއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފުގެ ޕާކިސްތާން މުސްލިމު ލީގް-ނަވާޒް (ޕީއެމްއެލްއެން) އާއި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަރު ބުއްޓޫގެ ފިރިކަލުން އަލީ އާސިފު ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

މި ދެ ޕާޓީން ކޯލިޝަން ހަދަން ނިންމީ ބޮޑުވަޒީރަކަށް ނަވާޒްގެ ކޮއްކޯފުޅު ކުރީގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ހަމަޖެއްސުމަށާއި ރައީސަކަށް ޒަރުދާރީ ހަމަޖައްސާ ގޮތަށެވެ.

މި މަހުގެ 8 ގައި ބޭއްވި އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 336 ގޮނޑީގެ ތެރެއިން ނަވާޒްގެ ޕާޓީން 73 ގޮނޑި ކާމިޔާބުކުރި އިރު، ޒަރުދާރީގެ ޕާޓީން 54 ގޮނޑި ކާމިޔާބުކުރި އެވެ.

އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ނުލިބެ އެވެ. ނަމަވެސް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކޭ އިންސާފު (ޕީޓީއައި) އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އެއީ 102 ގޮނޑި އެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ ޕާޓީގެ މެންބަރުންތަކެއް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ނަމަވެސް އެ ޕާޓީ އަށް އިންތިހާނުގައި ވާދަކުރުމުގެ ފުރުސަތު ނެތުމާއި އިމްރާން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ނެތެވެ.

ޝެހްބާޒް ޝަރީފު.

ޕީޕީޕީއާ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ނަވާޒު އިއްޔެ ވިދާޅުވީ ފުރަތަމަ އޭނަ ބޭނުންވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނާ ގުޅިގެން ސަަރުކާރެއް އެކުލަވާލަން ކަމަށެވެ.

"ނަމަވެސް އެފަދަ ކެންޑިޑޭޓުންގެ ސާފު މެންޑޭޓެއް ނެތް. އެހެންވެ ނިންމީ ޒަރުދާރީގެ ޕާޓީއާ އެކީ ކޯލިޝަން ހަދަން،" އޭނަ ވިދާޅުވި އެވެ. "އަހަރެމެން ދެ ޕާޓީ ގުޅިގެން މަސައްކަތްކުރާ އިރު، މިއީ ފަސޭހަ ކަމަކަށް ވެސް ނުވާނެ. އެކަމަކު ގައުމުގެ ހަމަޖެހުމާއި މަސްލަހަކަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ގައުމާއިގެން ކުރިއަށް ދިއުން ލަނޑުދަނޑި އަކީ."