Last Updated: July 27, 10:14
Saturday, July 27, 2024
މުނިފޫހިފިލުވުން

"ބީޓްލްސް" ގެ މެންބަރުންގެ ވާހަކަ ފިލްމުތަކުން

އިނގިރޭސިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް، "ދަ ބީޓްސްލް" ގެ މެންބަރުންގެ ވާހަކަ ކިޔައިދޭ ފިލްމުތަކެއް ވަކިވަކިން ހަދަން ނިންމައިފި އެވެ.

ވެރައިޓީން ބުނީ ސޮނީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ހަތަރު ފިލްމުގެ ޑައިރެކްޓަރަކީ "އެމެރިކަން ބިއުޓީ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ސޭމް މެންޑޭޒް ކަމަށެވެ. މި ހަތަރު ފިލްމު ވެސް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2027 ގަ އެވެ.

ހަތަރު ފިލްމު ހަދާނީ "ބިލްޓްސް" ގެ މެންބަރުން ކަމަށްވާ ޖޯން ލެނަން އާއި ޕޯލް މެކާޓްނީ އާއި ޖޯޖް ހެރިންސަންގެ އިތުރުން ރިންގޯ ސްޓާގެ ވާހަކަ ވަކިވަކިން ކިޔައިދޭ ގޮތަށެވެ. މި ހަތަރު ފަންނާނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ މެކާޓްނީ އާއި ރިންގޯ އެވެ.

އެ މީހުންގެ "ދަ ބީޓްލްސް" އަކީ 1960 ގައި ވުޖޫދަށް އައިސް މުޅި ދުނިޔޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ބޭންޑެކެވެ. ބޭންޑުގެ އެންމެ ރަންޒަމާން ދެމިގެން ދިޔައީ 1970 އާ ހަމައަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ބޭންޑްގެ ފަންނާނުން މިއުޒިކީ ކެރިއަރާއިގެން ކުރިއަށް ދިޔަ އެވެ. "ދަ ބީޓްލްސް" ޖުމްލަ 13 އަލްބަމެއް ނެރެފައިވެ އެވެ. ބޭންޑްގެ ފުރަތަމަ އަލްބަމަކީ ޕްލީޒް ޕްލީޒް މީ (1963) އެވެ. އަދި އެންމެ ފަހުން ނެރުނު އަލްބަމަކީ ކޮމްޕައިލޭޝަނެއްގެ ގޮތުގައި 1988 ގައި ނެރުނު "ޕާސްޓް މާސްޓާސް" އެވެ.

ޑައިރެކްޓަރު ސޭމް މެންޑޭޒް.

"ބީޓްސްލް" ގެ މެންބަރުންގެ ވާހަކަ ކިޔައިދޭ ފިލްމުތައް ހަދަން ފުރުސަތު ލިބުމާ ގުޅިގެން މެންޑޭޒް ބުނީ މިއީ އޭނަ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމުތައް ކަމަށްވާ "ސްކައިފޯލް" އާއި "ސްޕެކްޓާ" ގެ ޑައިރެކްޓަރު ބުނީ އޭނަ މި ޕްރޮޖެކްޓާ ހަވާލުވީ އަމިއްލަ އަށް ކުރިމަތިލާ ޗެލެންޖެއް ވެސް ގޮތަށެވެ.