Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން - ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ޣައްސާން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާ ސިފައިން ހަތިޔާރާއެކުވަދެ ރާއްޖޭގެ މަސްއޮޑިތަކަށް އަރާފައިވާ މައްސަލައާއި ޖާސުސީ މައުލޫމާތު އެއްކުރާ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދާ ކައިރީގައި އުޅެމުންދާކަމަށް މީޑިއާގައި ހިއްސާކުރަމުންދާތީ އެ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރަމުންދާގޮތް ބަލައިދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

241 ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ ހެނދުނު 11:00 އަށެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ކޮމިޓީން ނިންމާފައިވަނީ އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި މަޖިލީހުގައިވެސް މީގެކުރިން މެންބަރުން ބަހުސްކޮށްފައިވެއެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކަކުން ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.