Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

ޓްރިޕްތީ "ބޫލް ބުލައްޔާ 3" އަށް

ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ރޯލުން ބޮޑު މަޝްހޫރު ކަމެއް ލިބުނު ބަތަލާ ޓްރިޕްތީ ދިމްރީ "ބޫލް ބުލައްޔާ 3" އަށް ސޮއިކޮށްފި އެވެ.

މިކަމުގެ އިޝާރާތެއް މިއަދު އެ ފިލްމުގެ ޓީމުން ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ދީފަ އެވެ. އެގޮތުން ޓްރިޕްތީގެ މޫނު އެއްކޮށް ދައްކާ ނުލައި، އޭނަގެ ހިނިތިވުން ފެންނަ ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ.

"ބޫލް ބުލައްޔާ 3" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމު ވާނީ ކާތިކާ އެކީ އަރަމުން އަންނަ ޒުވާން ބަތަލާ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ބޫލް ބުލައްޔާ 3" ގެ ކާސްޓްގައި 2007 ގެ "ބޫލް ބުލައްޔާ" ގެ އެންމެ މުހިއްމު އެއް ރޯލު ކުޅުނު ވިދިޔާ ބާލަން ވެސް ހިމެނެ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ތިން ވަނަ ފިލްމުގެ ކާސްޓްގައި މަދޫރީ ޑިކްސިޓް ވެސް ހިމެނޭނެ އެވެ.

"ބޫލް ބުލައްޔާ 3" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ކާތިކާއި ކިއާރާ އަދުވާނީގެ އިތުރުން ތައްބޫގެ 2022 ގެ "ބޫލް ބުލައްޔާ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.