Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ގައްދޫ ކައުންސިލުން ބައިވެރިނުވުމުން ރައީސްގެ ކަންބޮޑުވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ގދ. ގައްދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ ރައީސް އަދި ނައިބުރައީސް ބައިވެރިނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ގައްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިހާތަނަށް ކުރި ދަތުރުތަކުގައި ވަރަށް ގިނަ ކައުންސިލްތަކާ ބައްދަލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގައްދޫ ކައުންސިލްގެ އެއްބާރުލުން ލިބުނީ ތަންކޮޅެއް ކުޑަކޮށް ކަމަށާއި އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ހިޔާލުތަފާތު ނަމަވެސް އެހެން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން އަދި މޭޔަރުންވެސް ވެސް ބައްދަލުކުރައްވާ ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާކުރައްވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް މިރަށުން މި ފެންނަ މަންޒަރާ ދޭތެރޭ ހިތާމަ ކުރަން. ލާމަރުކަޒީ ނިޒާމެއް ހިނގަން ޖެހޭ އުސޫލެއް ނޫން، އެއަށްވުރެއް އަޅުގަނޑުމެން ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގައްދޫ ކައުންސިލްގެ ރައީސް އަދި ނައިބުރައީސް ޖަލްސާގައި ބައިވެރިނުވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ހަވާލުކުރާ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާ އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން ގާއިމުކުރަން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ އެ ޒިންމާ އަދާކުރުމުގައި ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.

"ސިޔާސީ ވިސްނުން އެއްފަރާތްކޮށްފަ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން އިސްކުރަންޖެހޭނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ހެދުމަށް ގޮވާލައްވާފައެވެ.