Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ގައްދު އާއި މާވަރުލު އެއާޕޯޓު ގުޅުވައިލާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ގދ. ގައްދޫ އާއި މާވަރުލު އެއާޕޯޓު ގުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ ގައްދޫގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ބިން ހިއްކުމުގެ މަޝްރޫއަކީ މުހިންމު މަސައްކަތެއްކަމަށާއި އެކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްވެސް ކޮށްދެވޭތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް އެއާޕޯޓާއި ގައްދޫ އެއްގަމުން ގުޅާލާނެ ކަމަށެވެ. އެގޮތުން ގައްދޫ ބިން ހިއްކުން މިއަންނަ އަހަރު ކުރިއަށް ގެންގޮސް އެއާޕޯޓު ގުޅާލުމުގެ މަސައްކަތް މި އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވިއެވެ.

ގދ. އަތޮޅުގައި އިތުރު ރިސޯޓްތައް ހުޅުވުމުގެ މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ސަރަހައްދެއްގެ ތަރައްގީއަށް ޓޫރިޒަމް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.