Last Updated: May 21, 08:49
Tuesday, May 21, 2024
ޚަބަރު

ދައްޗެއް ނެތި ފިޔާ ސަޕްލައިކޮށް ދޭނަން: އެސްޓީއޯ

އެސްޓީއޯ އިން ފިޔާ ބަރުކުރަނީ: ފޮޓޯ - ޓައިމްސް

ފިޔާ ސަޕްލައިއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިއެކޭ އެއްގޮތަށް ސަޕްލައި ކޮށްދޭނެ ކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައި މިވަނީ، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރާ ޤައުމުތަކުގެ ލިސްޓުގައި މިފަހަރު ރާއްޖެ ނެތުމާއެކު އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެސްޓީއޯއިން ބުނީ، އެކުންފުންޏަށް އިންޑީއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުން ދާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ފާއިތުވި ދެމަހުގެ ޓްރެންޑަށް ބަލާއިރު ބާޒާރުގައި ފިޔާގެ އަގު ތިރިވަމުުންދާކަން ފާހަގަކޮށް އެސްޓީއޯން ބުނީ، ކުރިއަށް އޮތް ރަމަޟާން މަހު ކާބޯތަކެތީގެ އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެކުންފުނިން ވަނީ ތައްޔާރުވެފައި ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން އިންޑިއާްއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު އަލުން އެކްސްޕޯޓު ކުރާ އިރު އަވައްޓެރި ގައުމުތަކަށް ސަރުކާރުން ދޭ ހާއްސަ ކޯޓާގެ ދަށުން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތެވެ. އިންޑިއާއިން އަލަށް އާއްމުކުރި ލިސްޓުގައި ހިމެނެނީ ސްރީލަންކާ، ބަންގަލަދޭޝް މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލްއެވެ.

އިންޑިއާއިން މިހާތަނަށް އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން މެދުކަޑާލާ ކޮންމެ ފަހަރަކުވެސް އަވައްޓެރި ގައުމުތަކަށް ވަކި ހާއްސަ ކޯޓާއެއްގެ ދަށުން ފިޔާ ދޫކުރެއެވެ. ނަމަވެސް މި ފަހަރު ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭއިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކުރިއަށް ރަމަޟާން މަސް އޮތުމާއި އެކު އިންޑިއާއިން ފިޔާ ނުލިބިއްޖެނަމަ ފިޔާގެ އަގު ބާޒާރުގައި ބޮޑުވެގެން ހިނގައިދާނެއެވެ. ފިޔާ އަކީ ރަމަޟާން މަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތެވެ.