Last Updated: May 21, 11:44
Tuesday, May 21, 2024
ޚަބަރު

ފުރަތަމަ ބާލާނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން

ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ފައިބައިގެން ދިއުމަށް ހަމަޖެހިފައިވަނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރައްވާފައިވަނީ ރޭ ގ.ދ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިޙާބު ކުރިއިރު ހަވާލުކުރި އެންމެ ބޮޑު ޒިންމާ އަކީ ބޭރު ސިފައިން ބޭލުން ކަމަށެވެ. އަދި އެކަން ކުރަމުން ގެންދަވަނީ ޑިޕްލޮމެސީގެ ރިވެތި އުސޫލުންކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ ރުންކުރުކަމާއި ގަދަފަދަވި ކަމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން އެކަން ނުވާނެ ކަމަށެވެ.

އަދި މިހާރު އެމައްސަލާގައި ލިޔެކިއުމަށް ތިރިކުރެވި ތާރީޙުތަކެއް އެއްބަސްވެ ސޮއިކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީން އިންޑިއާ ސަރުކާރުން ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވި ގޮތަށް 10 މާރިޗުގެ ކުރިން؛ އަޅުގަނޑު ހަނދާވާ ގޮތުން އައްޑޫގައި އޮތް ޕްލެޓްފޯމްގެ ސިފައިން ބާލަނީ. ދެން ދެ މަސްތެރޭގައި، (ބާކީ ތިބި ސިފައިން ބާލަނީ). މޭއި 10 އެއީ ޑެޑްލައިން. ކައްދޫ އަދި ހަނިމާދޫގައި އެބައޮތް އިތުރު 2 ޕްލެޓްފޯމް. އެ ތިނެތި އޮޕަރޭޓްކޮށް ދުއްވާ މެއިންޓެއިން ކުރަން މިތިބީ (އިންޑިއާ) ސިފައިން. " ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިމަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން އަންނަ މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 88 އަށް ދަށްކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.