Last Updated: May 21, 11:44
Tuesday, May 21, 2024
ޚަބަރު

މާދަމާއިން ފެށިގެން ގަމަށް އަރައި ފައިބާ މަގަށް ބަދަލެއް!

މާދަމާއިން ފެށިގެން އައްޑޫސިޓީ ގަމަށް އަރައި ފޭބުމަށް މިހާރު ބޭނުން ކުރާ މަގު ބަނދުކޮށް އެ ދިމާލުން ވެލި އަޅައި ހަދާފައިވާ މަގު ބޭނުން ކުރަން ފާށާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ހާމަކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަށުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގަމުގެ އެއާޕޯޓަށް ދިއުމަށް ބޭނުން ކުރާ މަގު އެއްކޮށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަިއެވެ. މިގޮތުން އޭއައިއޭއިން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، ގަން އެއާޕޯޓް ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ގަމުގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާއިރު މިހާރު ބޭނުން ކުރާ މަގު ވަގުތީގޮތުން ބަނދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ބަދަލު ބޭނުން ކުރާނީ ގަން ޕޮލިސް ސްޓޭޝަން ކައިރިން ދޫގަސް ދިމާލަށް ވެލި އަޅައި ހަދާފައިވާ މަގު ކަމަށް އޭއައިއޭއިން ބުނެއެވެ. މިއާއެކު ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށް މަގުތަކުގައި ބެހެއްޓިފައިވާ ޓްރެފިކް ނިޝާންތަކަށް ތަބާވެ ދެވިފައިވާ އިރުޝާދުތަކަށް ސަމާލުވުމަކީ އެކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން މަސައްކަތް ކުރުމަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި، މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.