Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

ރަޝިއާ ޖަލުތަކުގެ ވެރިންނަށް ޔޫކޭ އިން ދަތިކޮށްފި!

ރަޝިއާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި މަރުވި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން އެ ގައުމުގެ ޖަލުތަކުގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެ މަރުގެ ފުރިހަމަ ޒިންމާ ރަޝިއާގެ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ބުނަމުން އަންނަ އިނގިރޭސިވިލާތުން ވަނީ ރަޝިއާގެ ޖަލުތަކުގެ ހަ ވެރިއަކު އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކޮށް، އެ ގައުމުގައި ހުރި އެ މީހުންގެ އެސެޓްތަައް ވެސް ފްރީޒްކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޕީނަލް ކޮލޮނީގެ ވެރިޔާ ކާނަލް ވަޑިމް ކޮސްޓަންޓިނޮވިޗް ކަލިނިން އާއި ޑެޕިއުޓީ ހެޑުން ކަމަށްވާ ލެފްޓިނަންޓް ކާނަލް ސާޖީ ނިކޮލަވިޗް ކޮރްޒޯވް އާއި ލެފްޓިނަންޓް ކާނަލް ވަސިލީ އެލެގްޒަންޑްރޮވިޗް ވީޑްރީން އާއި ލެފްޓިނަންޓް ކާނަލް ލަޑިމިއާ އިވަނޮވިޗް ފިލިޕްޝިކްގެ އިތުރުން ލެފްޓިނަންޓް ކާނަލް އެލްކްޒެންޑާ ލަޑިމިރޮވިޗް ގޮލިއަކަވް އާއި ކާނަލް އެލެކްޒެންޑާ ވެލެރިވިޗް އޮބްރަސްޓޯވް އެވެ.

މި މީހުންނަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އިނގިރޭސި ފޮރިން ސެކްރެޓަރީ އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވީ ނަވަލްނީގެ މަރުގެ ޒިންމާ ރަޝިއާގެ ރައީސް ޕުޓިން އާއި ސަރުކާރުން ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލާގައި ރަޝިއާ ޖަބާވާދާރީ ކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިނގިރޭސި ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ޖަލުތަކުގެ ވެރިންނަށް ފިޔަވަޅު އެޅުމަކީ މި މައްސަލާގައި އިނގިރޭސި ސަރުކާރު ސްޓޭންޑް ވަރަށް ސީރިއަސްކަން ހާމަކޮށްދޭ ކަމމެއް ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ސަރުކާރުން ވަނީ ނަވަލްނީގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ވެސް ރަޝިއާ ސަރުކާރަށް ގޮވާލައިފަ އެވެ. ދެ ކުދިންގެ ބައްޕަ 48 އަހަރުގެ ނަވަލްނީ މަރުވީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ރަޝިއާ އިން ނަވަލްނީ 2021 ގައި ހައްޔަރުކޮށް އޭނަގެ މައްޗަށް އަސާސެއް ނެތް ތަފާތު ދައުވާތައް އުފުލާފައިވެ އެވެ.