Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ތަރައްގީ ގެންނަން ފަސޭހަ ވާނީ މަޖިލިސް ލިބިގެން

ސަރުކާރަށް މަޖިލީހުގެ ތާއީދާއެކު ޤައުމަށް ތަރައްޤީ ގެނައުމަށް ފަސޭހަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގއ. ގެމަނަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ ތާއީދާއެކު ޤައުމަށް ތަރައްޤީ ގެނައުމަށް ފަސޭހަވާނެ ކަމަށާއި ތަރައްޤީގެ އެތައް ކަމެއް މަޖިލީހުގެ މަސައްކަތްތަކާއި ވެސް ގުޅިފައިވާ ކަމަށެވެ. އެ އެކަންކަން ޙާޞިލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށާއި އެގޮތުން ރައްޔިތުން ދެއްވާ ތަރުޙީބާއެކު ތަރައްޤީގެ ގެނައުމަށް ސަރުކާރަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ގެމަނަފުއްޓަކީ މަސްވެރިކަމުގައި ވަރަށް މަޝްހޫރު ރަށެއްކަމުގައި ފާހަގަކުރައްވައި، ރަށުގެ ރައްޔިތުން އެދޭގޮތަށް އެރަށުގެ ބަނދަރު ޞިނާޢީ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ގެމަނަފުށީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ތަފުޞީލީ ގޮތެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި އެކަންކަން ޙާޞިލުކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން އެ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުންވެސް ގެމަނަފުށީގައި މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.