Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ރޯދަ މަހު ވޯޓުލިޔަސް ސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރުވޭ

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބޭއްވިޔަސް ސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރުވުމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ގޮވާލައިފި އެވެ.

މަޖިލިސް އިންތިޚާބު ބާއްވަން އީސީން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާ އެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ރައީސް މުއިއްޒު ދައުލަތް ދަރަނިވެރިކޮށްލާ، ދައުލަތް ޖަވާބުދާރީ ނުކުރެވޭނެ ގޮތަށް މަޖިލިސް އެކުލަވާލަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާވާ ގޮތަށް ދައުލަތް ހިންގުމުގެ ބާރު ދީގެން ނުވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރި ނުވެވޭނެ ތަނަކަށް ހަދަން ފުރުސަތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މަޖިލީހަށް ސަރުކާރަށް ފާރަވެރިވާނެ މެމްބަރުންތަކެއް އަންނަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުންނެވީ ރައްޔިތުން ނުނިކުންނާނެ ގޮތަކަށް ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސް ޕީއެންސީ އަށް މަޖިލިސް ކާމިޔާބު ކުރުމުގެ ހީލަތްތެރި ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުން ތައްޔާރު ވާންވީ ރަމްޟާން މަހުގައި ވޯޓުލީ ކަމުގައި ވިޔަސް، ނިކުމެ ވޯޓުލާން. އަދި ސަރުކާރަށް ނޫނެކޭ ބުނަން،" ހަސަން ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ކަންކަމަކީ ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ނޫން ކަމަށާއި ރޯދަ މަހު އަދި އީދު ދުވަހު ވޯޓުލިޔަސް ރައްޔިތުން ނިކުމެ ވޯޓުލާން ހަސަން ގޮވާލެއްވި އެވެ.