Last Updated: July 27, 09:53
Saturday, July 27, 2024
މުނިފޫހިފިލުވުން

ރަކުލް އާއި ޖެކީ ކައިވެނިކޮށްފި

އިންޑިއާގެ ބަތަލާ ރަކުލް ޕްރީތު ސިންގް އާއި ބައިވެރިޔާ ޖެކީ ބަގްނާނީ މިއަދު ކައިވެނިކޮށްފި އެވެ.

އެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް މިއަދު ބޭއްވީ ގޯއާގަ އެވެ. މި ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. ރަކުލް، 33، އާއި ޖެކީ، 39، ކައިވެނިކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.

ރަކުލް އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ"، "ރަންވޭ 34"، "ޑޮކްޓަ ޖީ" އަދި "ޗަތުރީވާލީ" ހިމެނެ އެވެ.

ޖެކީ އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދަރިއެކެވެ. އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓް ހިންގުމުގައި މިހާރު އެންމެ އިސްކޮށް އުޅެނީ ޖެކީ އެވެ. އޭނަ ޕްރޮޑިއުސަރެއްގެ ޒިންމާތައް ނަގަމުން އަންނަ އިރު، އިންޑަސްޓްރީ އަށް ފުރަތަމަ ނުކުތީ އެކްޓަރެއްގެ ގޮތުގަ އެވެ. ޖެކީގެ ފުރަތަމަ ފިލްމަކީ 2009 ގެ "ކަލް ކިސްނޭ ދޭކާ" އެވެ.

އެކްޓަރެއްގެ ގޮތުގައި މާ ބޮޑު ކުރިއެރުމެއް ލިބޭ ގޮތް ނުވުމުން ޖެކީ ވަނީ ކެމެރާގެ ފުރަގަހަށް ބަދަލުވެފަ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ ތަމަޅަ ފިލްމު "މޯހިނީ" ގެ ރޯލަކުންނެވެ. ޖެކީ ކުޅުނު ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ފާހަގަކޮށްލެވޭ ފިލްމަކީ 2011 ގެ "ފާލްތޫ" އެވެ.

އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އެވެ.