މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ގެނެސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. ކޮނޑޭގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކީ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ މުހިއްމު މަޝްރޫއެއް ކޮނޑޭގައި ހިންގާނެ ކަމަށާއި އޭގެ ސަބަބުން އެތައް ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރައްޔިތުން އެދޭ ގޮތަށް ކޮނޑޭ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށާއި ކަރަންޓުގެ މައްސަލަ އާއި ކޮނޑޭގެ ހެލްތު ސެންޓަރު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮނޑޭގެ ފުޓްސަލް ދަނޑުގައި ޓާފް ނެތުމުގެ މައްސަލަ އާއި އޭޓީއެމްއެއް ނެތުމުގެ މައްސަލަ ފަދަ އެ ރަށު ކައުންސިލުން ފާހަގަކުރި ކަންކަން ހައްލުކުރަން އިސްކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.