Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

މަސްވެރިންނަށް ފައިސާ ނުދީ ވެރިން އުޅެނީ ހަނީމޫންގައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިންނަށް ފައިސާ ދިނުމުގެ ބަދަލުގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު މި ސަރުކާރުގެ ވެރިން އުޅުއްވީ ހަނީމޫނެއްގައި ރާއްޖެ އިން ބޭރަށް ދަތުރުތައް ކުރުމުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ ކެމްޕޭނު އިވެންޓެއްގައި މިރޭ ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް މަސްވެރިންނަށް މިހާތަނަށް ދީފައި ނުވާ ކަމަށާއި ސަރުކާރުން މަސް ވިއްކައިގެން ލިބުނު ފައިސާ ވީތަނެއް އެނގެންޖެހޭ ކަމަށެވެ.

މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރަށް ހިންގަން ނޭނގޭ ކަމަށާއި ފައިސާ ގެންގުޅެން ވެސް ނޭނގެނީ ކަމަށް ސޯލިހު ވިދާޅުވި އެވެ. ސަރުކާރެއް ހިންގާއިރު އިސްކަންދޭ ތަރުތީބުތަކެއް ހުންނަންޖެހޭނެ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރަން ފެށި ކަމަކީ ވެރިން ދުއްވާނެ ކާރުތަކެއް ހޯދުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ދެން މުޅި ދުނިޔެ ވަށާ ހަނީމޫނެއްގައި ދަތުރުތަކެއް ކުރެއްވީ. މަސްވެރިންނަށް ފައިސާ ނުދައްކާ 48 މީހުންނާއެކު ހުންނެވީ ދުބާއީގައި. މިއަދު ވެސް ކެމްޕޭނު ކުރައްވަމުން އެ ގެންދަވަނީ 40 އަށް ވުރެ ގިނަ ބޭފުޅުންނާއެކު ސަރުކާރުގެ ހަރަދުގައި. އެ ފައިސާ ފުރަތަމަ މަސްވެރިންނަށް ނޫންތޯ ދޭންވީ،" ސޯލިހު ވިދާޅުވި އެވެ.

ކޮވިޑް-19 ވަބާގެ އެންމެ ދަތީގައި ވެސް ކުރީ ސަރުކާރުން ކަންކަން މެނޭޖުކުރި ކަމަށާއި މިފަދަ ކަންކަމުގައި ހާރިޖީ ސިޔާސަތަކީ ވެސް މުހިއްމު އެއްޗެއް ކަމަށް ސޯލިހު ވިދާޅުވި އެވެ. ދައުލަތަށް މިއަދު އިތުރަށް ފައިސާ ބޭނުންވާ އިރު ބޭރުގެ ފަރާތްތަކާ ވާހަކަދައްކައިގެން ފައިސާ ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ހިތުހުރި ޕްރޮޖެކްޓުތައް އިއުލާން ކުރަމުންދާނަމަ ގައުމު ވެއްޓޭނީ ފުން އަނދިރި ވަޅުގަނޑަކަށް ކަމަށްވެސް ވިދާޅުވި އެވެ.