Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

މިއީ ހަމައެއް ނެތް ސަރުކާރެއް: ޝިދާތާ

މިއީ ހަމައެއް ނެތް ސަރުކާރެއް ކަމަށް ވިދާޅުވެ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް ޝިދާތާ ޝަރީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޝިދާތާ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިމިވަނީ އެމްއެންޕީ އަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކުރުމުންނެވެ. ވަކި ސަބަބެއް ހާމަނުކޮށް މަގާމުން ވަކިކޮށްފައި ވަނީ އެގްރިކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ހުސައިން އިސްމާއީލެވެ.

އެކަމާ ގުޅިގެން ޝިދާތާ ވިދާޅުވީ ޙުސައިން އަކީ މި ސަރުކާރު ގެންނަން ކެމްޕޭންގައި މަސައްކަތް ކުރުމުގެ އިތުރުން ވަރަށް ހޭދަ ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި މިފަދަ ހަމަޔެއް ނެތް ސަރުކާރެއްގެ ބައިވެރިއެއްގެ ގޮތުގައި ނުހުރެވުނުކަން އެއީ މިއަދު އުފާކުރާ ކަމެއް ކަމަށެވެ.

"ކޮންމެ ދުވަހަކު ފެންނަ މަންޒަރަކީ ރައްޔިތުން ސަރުކާރު ގެނައި ވިސްނުމާއި ނުއަތަށް ދަތުރުކުރާ މަންޒަރު. މަޖިލިސް އިންތިޚާބުގެ ވޯޓު ހޯދަން އަންނާނީ ރައްޔިތުންގެ ކައިރިއަށް؟ ނުވަތަ ހަމަ އެކަނި ރައީސް އޮފީހަށް؟" ޝިދާތާ ވިދާޅުވި އެވެ.

މަގާމުން ވަކިކުރި ހުސެއިން ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ވަކިކުރި ސަބަބެއް ރައީސް އޮފީހުން އަންގާފައި ނުވާކަމަށާއި އެކަމަކު ވަކިކުރިކަން އެންގި ސިޓީގައި ބުނެފައ ވަނީ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ވަކިކުރީ ކަމަށް ބުނެފައިވާ ކަމަށެވެ.

ހުސައިން މަގާމުން ވަކިކުރި އިރު، އެގްރިކަލްޗަ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ދާދި ފަހުން ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރަށް ވަޑައިގެން އުޅުއްވި އިރު، މިނިސްޓްރީ ހިންގެވުމުގައި އިސްމާއީލް އިސް ދައުރެއް އަދާކުރެއްވި އެވެ.