Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ރައީސް މުއިއްޒު އަދިވެސް ހައްދަވަނީ ދޮގު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ހައްދަވަނީ ދޮގު ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ މާލޭ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޮގުތަކެއް ހަދައިގެން ކަމަށާއި މިއަދު ވެސް ހައްދަވަނީ ދޮގު ކަމަށެވެ.

"އިތުރަށް ވަގުތު ދިން ވަރަކަށް އިތުރަށް ދޮގު ހަދަމުން ގެންދަވާނެ. އެކަން އެބަޖެހޭ ހުއްޓުވަން. އެކަން މިއަދު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން،" ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް މިވަގުތު އެމްޑީޕީ އަށް ބޭނުންވާ ކަމަށާއި އެހެން ނޫންނަމަ ދިވެހިންގެ މުސްތަގުބަލު ވަރަށް ބަނަވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި މިއަދު ވެރިކަމުގައި ތިއްބެވީ މަޖިލީހުން ކުރާ ކަންކަން ބަލައިގަންނަ ބައެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މަޖިލީހުން ކުރާ ކަންކަމަށް އެ ބޭފުޅުން ގޮންޖައްސަވަމުންދާ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ދޭ ގޮތަކަށް، ކުރައްވާކަށް ނޫން އެ ތިއްބެވީ. އެހެންވީމާ އަޣުލަބިއްޔަތެއް ނޫން، ބޮޑު އަޣުލަބިއްޔަތެއް މިފަހަރު ބޭނުންވޭ. އެކަމަށް އެންމެން މަސައްކަތް ކުރަންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.

މީގެއިތުރުން ސޯލިހު ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.