Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

މުސާރައިގެ 50 ޕަސެންޓް ދޭނީ ޗެރިޓީއަކަށް

އަހުމަދު ފާރިސް މައުމޫން - ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފި ނަމަ މުސާރައިގެ 50 ޕަސެންޓް ހަދިޔާ ކުރާނީ ޗެރިޓީ އަކަށް ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަދައްކަމުން ފާރިސް ވިދާޅުވީ މުސާރަ އިން ގެއަށް ގެންދާނީ 50 ޕަސެންޓް ކަމަށާއި ބާކީ 50 ޕަސެންޓް ހަވާލުކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޗެރިޓީ އަކަށް ކަމަށެވެ. އަދި އެ ޗެރިޓީ މެދުވެރިކޮށް ދާއިރާގެ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ އޭނާގެ ހިދުމަތް ރަނގަޅު ނޫން ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ހާލަތެއްގައި، ދާއިރާގެ 50 ޕަސެންޓް ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުން މަޖިލިސް ގޮނޑިން އިސްތިއުފާ ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ފުރަތަމަ ޒިންމާދާރު ކުރަން ޖެހޭނީ މެމްބަރު ކަމަށްވެސް ވިދާޅުވި އެވެ.

މި އިންތިހާބުގައި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށްވާއިރު، ފާރިސް ވިދާޅުވީ އެކި ޕާޓީތަކުގެ ވެރިކަންތަކާއި އެކި ޕާޓީތަކަށް މަޖިލީހުގައި މެޖޯރިޓީ ލިބިފައި އޮތްތަން ފެނިފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ ކަންކަން ނުވާކަން ސާފުވެފައިވާ ކަމަށެވެ. އަދި މަޖިލީހަށް އަމިއްލަ އަށް ރައްޔިތުންނަށް ވައުދުވާ މީހުން އިންތިހާބުކޮށްގެން މެނުވީ ކަންކަން ހާސިލު ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ފާރިސް ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވައިފަ އެވެ. އެ ފަހަރު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.