Last Updated: May 2, 17:18
Thursday, May 2, 2024
ކުޅިވަރު

ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން 4-1 އިން ބަލިކުރުމަށް ފަހު، ލީގުގެ އެއްވަނައިގައި ލިވަޕޫލުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާ އެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 25 މެޗު ކުޅެގެން 56 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 25 މެޗުން 55 ޕޮއިންޓު ހޯދައިގެން އޮތީ އާސެނަލް އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލީގުގެ 18 ވަނައިގައި އޮތް ލޫޓަން އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އޮގްބެނޭ ލޫޓަން އަށް މި ގޯލު ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ގޯލު ކުރިމަތީ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ލޫޓަން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި ވާޖިލް ވެންޑައިކް ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އޭގެ ދެ މިނެޓް ފަހުން ކޯޑީ ގަކްޕޯ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ލިވަޕޫލްގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. އަދި ލިވަޕޫލްގެ ފަހު ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓް އެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، ލިވަޕޫލަށް ދެން އޮތީ އިނގިރޭސި ލީގު ކަޕްގެ ފައިނަލެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލްގައި ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.