Last Updated: May 2, 12:12
Thursday, May 2, 2024
ކުޅިވަރު

ޕޯޓޯ އިން އާސެނަލް ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ އިން 1-0 އިން އާސެނަލް ބަލިކޮށްފި އެވެ.

މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ. އާސެނަލަށް މުބާރާތުގެ ކުއާޓާފައިނަލަށް އެންމެފަހުން ދެވިފައިވަނީ 2010 ގަ އެވެ.

ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕޯޓޯގެ ގަލޭނޯ އަށެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ނަމަވެސް މި މެޗުން މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕޯޓޯ އަށް ކާމިޔާބުކޮށްދިނީ ގަލޭނޯ އެވެ. ބްރެޒިލް އަށް އުފަން ގަލޭނޯ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗުގައި އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޕޯޓޯގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް އާސެނަލަށް ފޮނުވާލެވިފައެއް ނުވެ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބާސާގެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ ކަމަށްވާއިރު ނަޕޯލީ އަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ފޯވާޑް ވިކްޓަ އޮސިމެން އެވެ.